ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފެނަކައަކީ ބޮޑު ފައިދާއެއްވާ ކުންފުންޏަކަށް ހެދުމުގެ ވިސްނުމެއް ނެތް

ފެނަކައަކީ އަސާސީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށާއި އެއީ މާބޮޑު ފައިދާއެއްވާ ކުންފުންޏަކަށް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ވަޒީފާ ދެނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ.

ފެނަކައަކީ ހަމައެކަނި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ އިތުރުން އައިސްޕްލާންޓް ހިންގަނީ އެ ކުންފުނިިން ކަމަށާއި އެ ކަންކަމަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކައަކީ މާބޮޑު ފައިދާއެއްވާ ތަނަކަށް ހަދާކަށް. އެއީ އަސާސީ ހިދުމަތްދޭ ސަރުކާރުގެ ކުންފުންޏެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް ވަޒީފާ ދިނުމަށްފަހު ލިބޭ އެއްޗަކުން ދެކޮޅުޖެހޭނަމަ މައްސަލައެއް ނެތް ކަމަށެވެ.

"ފެނަކައަކީ އަޅުގަނޑުމެން ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފެނަކައިގެ ބޭނުމަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމާއެކު ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުމެވެ. ކުރިއަށް އޮތްތަނުގައިވެސް ފެނަކައިން ވަޒީފާ ދެވޭނެ ކަމަށް ވިދާޅުވި އެވެ.