ޓޫރިޒަމް

މިދިޔަ މަހު ފަތުރުވެރިންގެ އަދަދު 17 ޕަސަންޓް އިތުރުވެއްޖެ

ރާއްޖެއަށް މިދިޔަ އޮގަސްޓް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ 17.4 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 154،854 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތްކުރި 131،863 ފަތުރުވެރިންނަށްވުރެ 22،991 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14 ޕަސަންޓް އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު ހުރީ 5،054ގަ އެވެ.

އެންމެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

އެ ގައުމުން 145،666 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިންޑިއާއިން 136،497 ފަތުރުވެރިން އަދި ޗައިނާއިން 122،181 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން މިއަހަރު 101،190 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 173 ރިސޯޓާއި 909 ގެސްޓްހައުސް އާއި 163 ސަފާރީ އުޅަނދުގެ އިތުރުން 14 ހޮޓާ ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް 62،258 އެނދު އެބަހުއްޓެވެ.