ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯނީ ރިޕޯޓް ގެއްލިއްޖެ، މައްސަލަ ފުލުހުންނަށް ހުށަހަޅައިފިން: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހުގީގުކޮށް އެކުލަވާލި "ކޯނީ" ރިޕޯޓު ގެއްލިފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކޯނީ ރިޕޯޓު ގެއްލިފައިވާކަން ރައީސް ސޯލިހު ހާމަކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހދ. ނޭކުރެންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

"ކުރީ ދުވަހުގެ ޑިބޭޓްގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގޭ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ ފުލުހުންނަށް ހުށަހަޅާފަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޯނީ ރިޕޯޓަކީ ދައުލަތުގެ ސިއްރެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރިޕޯޓު ގެއްލުމުގައި އިހުމާލުވި މީހުން ހޯދުމަށް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެފަދަ ކަންކަން ހުރުމުން ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ގެންނެވި ގޮތުން އެ ރިޕޯޓު ގެއްލިފައިވާނަމަ ގެއްލިފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ހިންގީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއިން ނެވެ.

އެ ކޮމިޝަންގެ ކޯ-ޗެއާއަކީ ސިންގަޕޫރުގެ ރިޓަޔަޑް ފަނޑިޔާރު ޖަސްޓިސް ޖީޕީ ސެލްވަމް އެވެ. ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަނޑައެޅުވި ބޭފުޅަކުވެސް ހިމެނުއްވި އެވެ.