މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލު އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަން މިއަދު ފަށައިފި އެވެ.

އެމްސީއެސް އިން ބުނީ ބޮޑީވޯން ކެމެރާގެ ސަބަބުން ކަރެކްޝަންސްގެ އޮފިސަރުންގެ ރައްކާތެރިކަމާއި ގައިދީން ބެލެހެއްޓުމުގައި ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ގެނައުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ކަރެކްޝަންސްގެ އޮފިސަރުން މިވަގުތު 51 ބޮޑީވޯން ކެމެރާ ބޭނުންކުރާއިރު މި އަދަދު އިތުރުކުރެވި ގައިދީންނާ މުއާމަލާތްކުރަންޖެހޭ ކޮންމެ އޮފިސަރަކުވެސް މި ކެމެރާ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މި ގޮތުން ގައިދީން ބެލެހެއްޓުމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުން ކުރިއަށް އޮތް ތަނުގައި މަސައްކަތު ރަސްމީ ގަޑީގައި ގައިދީންނާ މުއާމަލާތް ކުރަންޖެހޭ ހާލަތްތަކުގައި ކެމެރާ ބޭނުންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބޮޑީވޯން ކެމެރާގެ ސަބަބުން ގައިދީންގެ އުޅުމާއި އަހުލާގު ދެނެގަނެވޭއިރު ޖަލުގައި ހިންގާ ކަންކަމުގެ އަސްލަށް ވާސިލުވުމަށް ބޭނުންވާ ހެކި ގަރީނާ ލިބޭނެކަން ކަރެކްޝަންސް އިން ފާހަގަކުރެ އެވެ.

މީގެ އިތުރުން ރިހެބިލިޓޭޝަނާއި އިންޓެލިޖެންސަށް ބޭނުންވާ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށާއި ކެމެރާގެ ސަބަބުން ގައިދީން ބެލެހެއްޓުމުގައި އޮފިސަރުން ޒިންމާދާރުކުރުމަކީ މި ޕްރޮޖެކްޓްގެ މަގުސަދެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ކަރެކްޝަންސް އިން ވަނީ ބޮޑީވޯން ކެމެރާއިން އެއްކުރެވޭ މަންޒަރާއި އަޑަށް އުނިއިތުރު ނުގެނެވޭނެ ކަމުގެ ޔަގީންކަންދީފަ އެވެ.