ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ދައުލަތުގެ މުވައްސަސާތަކުގައި ހުރި ރައްޔިތުންގެ ވަނަވަރު ވަގަށް ނަގާފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ތުހުމަތުކޮށްފި އެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މުވައްސަސާތަކުގައި ހުރި ރައްޔިތުންގެ ވަނަވަރާއި، ޒާތީ މައުލޫމާތާއި، ޑޭޓާ އެމްޑީޕީން ވަގަށް ނަގައި އެ ބޭނުންކޮށްގެން ކެމްޕޭން ސޮފްޓްވެއާއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރާއި އެންސްޕާއާއި އާސަންދަ ފަދަ އިދާރާތަކުން ދިވެހި ރައްޔިތުންގެ ވަނަވަރާއި ޒާތީ މަޢުލޫމާތާއި ޑޭޓާ ވަގަށް ނަގައި ރައީސް ސޯލިހުގެ ކެމްޕޭނަށް އެމްޑީޕީން "ވޯޓު ވިޔުގަ"އިގެ ނަމުގައި ސޮފްޓްވެއާއެއް ތައްޔާރުކޮށްފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެ އެވެ.
ޑިމޮކްރެޓްސް އިން ބުނާ ގޮތުގައި މި ސޮފްޓްވެއާގައި އަނބިފިރި ދަރިންނާއި މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންވެސް އެނގޭ ގޮތަށް ލިސްޓްކޮށްފައިވެ އެވެ.
"މިއީ ޑީއެންއާރްގެ ޑޭޓާބޭސް އިން މެނުވީ ހޯދޭން އޮންނާނެ، އަދި އިހު އެއްވެސް ސިފައެއްގައި އާންމުކޮށްފައި ނުވާ މައުލޫމާތު،" ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.
މި ސޮފްޓްވެއާގައި ވަޒީފާ އަދާކުރާ ތަނާއި ފޯނު ނަންބަރާއި ސިޔާސީ ޕާޓީވެސް އެނގޭ ކަމަށް ޑިމޮކްރެޓުން ބުނެ އެވެ.
ދައުލަތުގެ މުވައްސަސާތަކުގައި ހުންނަ ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި ޑޭޓާ ބަލަހައްޓަނީ ޓެކްނޮލޮޖީ މިނިސްޓްރީ އާއި ޗީފް ޓެކްނޮލޮޖީ އޮފިސަރާއި ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބެލުމުގެ ދަށުންކަން ފާހަގަކޮށް ޑިމޮކްރެޓުން ބުނީ އެމްޑީޕީއަށް މި މައުލޫމާތު "ލީކް" ކޮށްފައިވާނީ އެ ފަރާތުންކުރެ ފަރާތެއްގެ ބައިވެރިވުމާއި އިހުމާލުން ކަމަށެވެ.
ރައްޔިތުންގެ ޒާތީ މައުލޫމާތު އެމްޑީޕީއަށް ލީކުކޮށް އެ މައުލޫމާތު ބޭނުންކޮށްގެން ތައްޔާރުކުރި "ވޯޓު ވިއުގަ" މައްސަލަ ތަހުގީގުކޮށް ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޑިމޮކްރެޓްސް އިން ވަނީ މިނިވަން މުއައްސަސާތަކާއި ތަހުގީގީ އިދާރާތަކަށް ގޮވާލާފަ އެވެ.