ރިޔާސީ އިންތިހާބު 2023

އިންތިހާބަށް 285،219 ވޯޓު ކަރުދާސް ޕްރިންޓްކޮށްފި

ރިޔާސީ އިންތިހާބަށް ޖުމްލަ 285،219 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ވޯޓު ކަރުދާސްތައް ޗާޕުކުރީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ޕްރިންޓްކުރި ވޯޓު ކަރުދާހުގެ އަދަދު އާންމުކޮށްފައިވާއިރު އިންތިހާބަށް ޗާޕުކުރާ ވޯޓު ކަރުދާހުގެ އަދަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އާންމުކުރަންޖެހެ އެވެ.

ރިޔާސީ އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ގާނޫނުގައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އެއް ޕަސަންޓް އިތުރަށް ވޯޓު ކަރުދާސް ޗާޕުކުރަންޖެހެ އެވެ.

މި ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. މި އިންތިހާބުގައި ސިޔާސީ ފަސް ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުން

  • ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު
  • ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް
  • ކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހު
  • ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒު
  • ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނު
  • ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު
  • ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. މީގެ ތެރޭގައި މާލޭގައި ބަހައްޓާ 142 ވޯޓު ފޮށި ހިމެނެ އެވެ.