އިލެކްޝަންސް ކޮމިޝަން

އިންތިހާބާ ގުޅޭ ގޮތުން 51 ޝަކުވާ އިއްޔެ ހުށަހެޅުނު: އީސީ

ރިޔާސީ އިންތިހާބާ ގުޅޭ 51 މައްސަލަ އިއްޔެ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލައާއެކު އިއްޔެ ޖުމުލަ 51 މައްސަލަ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅުނު ކަމަށެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކެމްޕޭން ކުރުމާގުޅޭ ތިން މައްސަލަ އާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްގާގުޅޭ 10 މައްސަލަ ހިމެނެ އެވެ.

މީގެ އިތުރުން ރަޖިސްޓްރޭޝަނާ ގުޅޭ އަށް މައްސަލަ އާއި އޮފިޝަލުންނާގުޅޭ 11 މައްސަލަ އާއި ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ އާއި ރިޝްވަތު ދިނުމާ ގުޅޭ ދެ މައްސަލަ އަދި އެހެނިހެން ދެ މައްސަލަ ހިމެނޭ ކަމަށް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި ތަހުގީގުކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.