ރިޔާސީ އިންތިހާބުގައި ރައްޔިތުން ދެއްވި ތާއީދުގެ ސަބަބުން ތެދު ކުރި އަރާނެ ކަމަށް ކުރެވޭ އުންމީދު އާވެއްޖެ ކަމަށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލު ވިދާޅުވެއްޖެ އެވެ.
ހަސަން ޒަމީލު ވިދާޅުވީ ވާދަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތަށް ބަލާއިރު ދެއްވި ތާއީދުގެ ސަބަބުން ތެދު ކުރިއަރާނެ ކަމަށް ކުރެވޭ އުންމީދު އާވެއްޖެ ކަމަށެވެ.
އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވި އެންމެންނަށް ޝުކުރު އަދާކޮށް ޒަމީލު ވަނީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ވަޑައިގަތް ދެ ކެންޑިޑޭޓުންނަށް ތަހުނިޔާ ދަންނަވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަސަން ޒަމީލަށް އިންތިހާބުގައި ލިބިވަޑައިގަތީ 329 ވޯޓު -- 0.15 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގައި ޒަމީލުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަނބިކަނބަލުން މަރިޔަމް އަލީމެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި ޒަމީލު އެންމެފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
ޒަމީލުގެ އަނބިކަނބަލުން މަރިޔަމް އަލީމް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މަރިޔަމް އަލީމް އެންމެ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް މަގާމެއްގަ އެވެ.