ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ އިސް ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ފަށައިފި އެވެ.

މިހާރު ކުރިއަށްދާ އެ ބައްދަލުވުމާއި ގުޅޭ ތަފުސީލު އެމްޑީޕީން ހާމަނުކުރި ނަމަވެސް މި ބައްދަލުވުމުގައި މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އެޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުން ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.

އެ ގޮތުން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއެކު އިއްޔެވެސް ބައެއް ވާހަކަތައް ދެކެވިފަ އެބަހުރި. އަޅުގަނޑުމެންނާއެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފަ ތިބި ބައެއް ބޭފުޅުން އެބަ ތިއްބެވި. އަދި ރަސްމީކޮށް އެކަން އިއުލާނު ކުރެވޭ ހިސާބަކަށް ނުދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހޮނިިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،166 ވޯޓު -- 39.05 ޕަސަންޓެވެ.