ޕީއެސްއެމް

ފިލްމީ ދާއިރާ ތަރައްގީ ކުރަން ޕީއެސްއެމްއިން އެހީވަނީ

ފިލްމީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމްް) އާއި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އާ ދެމެދު އެއްބަސްވެއްޖެ އެވެ. މި އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

އިއްޔެ ޕީއެސްއެމްގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެެކްޓަރު އާމިނަތު ޝާޔަން ޝާހިދެވެ. އެމްއެފްއޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެފްއޭގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ.

ޕީއެސްއެމްއާއެކު އެމްއެފްއޭ އެސްބަސްވި އެއްބަސްވުމުގެ ދަށުން މި އަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ފިލްމް އެވޯޑްސް ކުރިއަށް ގެންދިއުމަށް ޕީއެސްއެމްއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މި އެއްބަސްވުމުގެ ދަށުން ފިލްމީ ޝޯތަކާއި ޕްރޮގްރާމްތައް އިތުރުކުރާނެ ކަމަށް ވެސް ޕީއެސްއެމްއިން ވަނީ ބުނެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ފިލްމީ ދާއިރާއަށް ހުރި ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ފިލްމްތައް އިސްތިހާރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެމްއެފްއޭއިން ވަނީ ބުނެފަ އެވެ. އަދި އާ މޫނުތައް ތައާރަފްކޮށް، ފިލްމީ ދާއިރާގެ ފަންނާނުންނަށް އިތުރު ގިނަ ފުރުސަތުތަކެއް ލިބުގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަންއިން ބުނެ އެވެ.