ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅައިފި އެވެ.
ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުން އިލްޔާސް ލަބީބު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލު މަޖިލީހަށް ތައާރަފުކުރުމެވެ.
އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީ އިތުރުވަމުންދާ ނިސްބަތަކުން މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ހަރަދު އިތުރުވަމުންދާ ދިޔުން ހުއްޓުވުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުން ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުމަށް އަންހެން މެންބަރުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލު ބަދަލުކުރުމެވެ.
އިލްޔާސް ހުށަހެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާާތަކަށް ހާއްސަކުރެވޭ ޖުމްލަ 55 މެންބަރުންނާއި ހުރިހާ އިދާރީ ދާއިރާއެއް ތަމުސީލުވާނޭ ގޮތަށް އިންތިހާބު ކުރެވޭ އަށް އަންހެން މެންބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެންބަރުން އަދި މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ މެންބަރުގެ އަދަދު ކަނޑައެޅުމަށެވެ.
އިދާރީ ދާއިރާތަކުން މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ހުށަހެޅި އިސްލާހު
- ތިލަދުންމަތީ އުތުރު - 3
- ތިލަދުންމަތީ ދެކުނު - 4
- މިލަންދުންމަޑުލު އުތުރު - 3
- މިލަންދުންމަޑުލު ދެކުނު - 2
- މާޅޮސްމަޑުލު އުތުރު - 3
- މާޅޮސްމަޑުލު ދެކުނު - 2
- ފާދިއްޕޮޅު - 2
- މާލެ އަތޮޅު - 2
- މާލެ - 11
- އައިއަތޮޅު އުތުރު - 1
- އަރިއަތޮޅު ދެކުނު - 2
- ފެލިދެ އަތޮޅު - 1
- މުލަކަ އަތޮޅު - 1
- ނިލެންދެ އަތޮޅު އުތުރު - 1
- ނިލެންދެ އަތޮޅު ދެކުނު - 1
- ކޮޅުމަޑުލު - 2
- ހައްދުންމަތި - 2
- ހުވަދު އަތޮޅު އުތުރު - 2
- ހުވަދު އަތޮޅު ދެކުނު - 3
- ފުވައްމުލައް - 2
- އައްޑޫ - 5
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިފަދަ އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.