އެމްއެންޑީއެފް

ހާލުގައި ޖެހުނު ބޭރުގެ މަސްވެރިންތަކަކަށް އެހީތެރިކަން ފޯރުކޮށްދީފި

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ އިންޑޮނީޝިއާ އިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގު ބޯޓު -- މުތާ ކޮރަލްގެ ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަމަށް ޝައްކު ވެގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރި ކަމަށެވެ. މި ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އެކަން ބަލާފައިވާ ކަމަށެވެ.

މި އުޅަނދުގައި ތިބި 12 މީހުންނަކީ މަސްވެރިންކަން ކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތް ކުރާ ބައެއްކަން އެނގިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނާ ގޮތުގައި މަސްވެރިން ބާޖަށް އަރާފައިވަނީ ރާއްޖެ އާއި ގާތްގަނޑަކަށް 140 މޭލު ބޭރުން ރޭގަނޑުގެ ވަތުތެއް ގައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަސްވެރިން ބާޖަށް އަރާފައިވަނީ ކޮޅިގަނޑެއްގައި ޖެހި، އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ދޯންޏާއި ބާޖު ޖެހުމުގެ ތެރޭގައި ދޯނި ހަލާކުވެ އަޑިއަށް ދިއުމުގެ ސަބަބުން ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ. އެހެންވެ ކަމާގުޅުންހުރި އިދާރާތަކާއި ވާހަކަދައްކައިގެން އެކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ހާލުގައި ޖެހުނު މަސްވެރިން މިހާރު ވަނީ މާލެ ގެނެސް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.