މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެ އަންނަ މީހުން ދުރާލާ އެނގޭ ނިޒާމުގެ މަސައްކަތް ފަށައިފި

ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއާ ގުޅިގެން ކުރަން ފަށައިފި އެވެ.

މިއީ އެ ޖަމްއިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) ގެ ހާއްސަ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

ކަސްޓަމްސް އިން ބުނީ މި ނިޒާމް ރާއްޖޭގައި ގާއިމްކުރަން ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ތަޖުރިބާކާރުންގެ ޓީމެއް މި މަހުގެ 17 އިން 25 އަށް ރާއްޖެ އައި ކަމަށާއި އެ މުުއްދަތުގެ ތެރޭގައި ޖީޓާސް ގާއިމްކޮށް މިނިޒާމް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދިން ކަމަށެވެ.

ތަމްރީން ޕްރޮގްރާމްގައި ކަސްޓަމާއި ފުލުހާއި އިމިގްރޭޝަނާއި އެމްއެންޑީއެފް ބައިވެރިވި އެވެ.

މި ނިޒާމް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ނިންމާފަ އެވެ. އެހެންވެ ބައެއް އެއާލައިންތަކުން ފަސިންޖަރުންގެ މަޢުލޫމާތު ދުރާލާ މިހާރު ގެންދަނީ ހިއްސާ ކުރެ އެވެ. މަސައްކަތް 2020 ވަނައަހަރު މުޅީން ނިމޭނެ އެވެ. އޭރަށް ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބޭނެ އެވެ.

އޭގެ ސަބަބުން ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަސްޓަމްސްއިން ކުރާ މަސައްކަތުގަ ފަސިންޖަރުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ނިޒާމް ހަރުދަނާވެ، ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެގަނެ، އެ ފަރާތްތަކަށް ސަމާލުކަމެއް ދީގެން ބަލައި ފާސްކުރުމުގެ ކަންތައްތައް ކުރިއަށްގެން ދެވޭނެ އެވެ.