އިލެކްޝަންސް ކޮމިޝަން

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލީ 45 މީހުން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހުން ވޯޓުލާފައިވާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ނިމިދިޔަ އިންތިހާބަކީ ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއާ ނުލާ ވޯޓުލެވުނު ފުރަތަމަ ފަހަރެވެ.

އިންތިހާބުތަކުގައި އިތުރު މީހެއްގެ އެހީއާ ނުލާ ވޯޓުލުމުގެ ހައްގު ހޯދުމަށް ލޯފަން މީހުންގެ ޖަމިއްޔާ -- ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހެޅުމުން އެ ފުރުސަތު ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުވެސް އިސްލާހުކޮށްފަ އެވެ.

ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ތައާރަފުކޮށްފައިވަނީ ޓެމްޕްލޭޓެކެވެ.

މި ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުގައި މި ޓެމްޕްލޭޓްގައި ކެނޑުމެއް ހުރެ އެވެ.

ލޯފަން މީހުންނަށް ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ޓެމްޕްލޭޓް ބޭނުންކުރާނެ ގޮތުގެ ތަމްރީންތަކެއްވެސް ބާއްވާފަ އެވެ.