ގައުމީ އެއާލައިން -- މޯލްޑިވިއަން އާއި އެމިރޭޓްސްއާ ދެމެދުވެފައިވާ އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމާއެކު މާދަމާ އިން ފެށިގެން އެމިރޭޓްސްގެ ޕެސެންޖަރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އެވެ.
މޯލްޑިވިއަން އާއި އެމިރޭޓްސް އިން މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އެވެ.
މި އެއްބަސްވުމާއެކު އެމިރޭޓްސްގައި ރާއްޖެ ދަތުރުކުރާ ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމަށްފަހު ރާއްޖޭގެ އެކި މަންޒިލުތަކަށް ދަތުރުކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
އެ ގޮތުން އެމިރޭޓްސްގައި ރާއްޖެ އައުމަށްފަހު ފަސިންޖަރުން ރާއްޖެއިން ދާން ބޭނުންވާ މަންޒިލުގެ ޓިކެޓް މާދަމާއިން ފެށިގެން ނެގޭނެ ކަމަށާއި އެއާއެކު އެންމެ ޓިކެޓެއްގައި އެ ދަތުރުތައް ކުރެވިގެންދާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުުނެފަ އެވެ.
އެއްބަސްވުމާއެކު އެމިރޭޓްސްގެ ކަސްޓަމަރުންނަށް ދަތުރުކުރެވޭ މަންޒިލްތައް
- ދަރަވަންދޫ އެއާޕޯޓް
- ފަރެސްމާތޮޑާ އެއާޕޯޓް
- ފުނަދޫ އެއާޕޯޓް
- ފުވައްމުލައް އެއާޕޯޓް
- ގަން އިންޓަނޭޝަނަލް އެއާޕޯޓް
- ކޫއްޑޫ އެއާޕޯޓް
- ހަނިމާދޫ އެއާޕޯޓް
- ކުޅުދުއްފުށި އެއާޕޯޓް
- ހޯރަފުށި އެއާޕޯޓް
- ކާޑެއްޑޫ އެއާޕޯޓް
- ކައްދޫ އެއާޕޯޓް
- މަޑިވަރު އެއާޕޯޓް
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓް
- މާވަރުލު އެއާޕޯޓް
- ތިމަރަފުށި އެއާޕޯޓް
- އިފުރު އެއާޕޯޓް
މި އެއްބަސްވުމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު -- ކޮމާޝަލް، އިބްރާހީމް ހަމްދާން މުހައްމަދު ވިދާޅުވީ އެމިރޭޓްސްއާއެކު މިފަދަ އެއްބަސްވުމަކަށް އާދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމަރުންގެ ދަތުރުތައް ރޭވުމުގައި ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކަޒިމް ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިނާއެކު ވެވުނު އެއްބަސްވުމާއެކު ރާއްޖޭގެ މަންޒިލުތަކަށް ދަތުރުކުރުމުގައި ފަސިންޖަރުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އެގޮތުން މެދު އިރުމައްޗާއި ޔޫރަޕާއި އެފްރިކާ އާއި އެމެރިކާއިން ރާއްޖެ އަންނަ ފަތުރުވެރިން، އެ ފަތުރުވެރިން މުޅި ދަތުރު ފަސޭހަކަމާއެކު ރާވާލެވޭނެކަން ފާހަގަކުރެއްވި އެވެ.
ރާއްޖެ އާއި އެމިރޭޓްސް އިން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އެވެ.
އެއްބަސްވުމުގެ ދަށުން އެމިރޭޓްސް އިން ޓިކެޓު ގަންނަ ފަސިންޖަރުންނަށް އެ ދަތުރުގެ އެންމެ ފަހު މަންޒިލާހަމައަށް އެއްކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިސާލަކަށް؛ އެމިރޭޓްސް އިން ޓިކެޓު ގަންނަ މީހަކަށް ކޫއްޑޫއާ ހަމައަށް ދެވޭވަރަށް އެމިރޭޓްސް މެދުވެރިކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު ފަހި ވެގެން ވާނެ އެވެ. ނަމަވެސް މި އެއްބަސްވުން ހެދުމުގެ ކުރީގައި އެމިރޭޓްސް އިން ޓިކެޓު ގަންނަ މީހަކު ކަނެކްޓިވް ފްލައިޓެއް ހެދޭނީ ރާއްޖެ އައިސް އެވެ.