ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 408 މީހުންނަށް އަލަށް ވޯޓުލެވޭނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ މިމަހުގެ 30 އަށް އުމުރުން 18 އަހަރު ފުރޭ 408 މީހުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި 196 އަންހެނުންނާއި 212 ފިރިހެނުން ހިމެނޭ ކަމަށެވެ. މިއާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،803 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ އެވެ.
ޝަކުވާ ހުށަހެޅޭނީ މާދަމާ އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ.