ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާތަކަށް ޑީއާރްޕީއަށް ވެސް ދައުވަތު ދީފި

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އިދިކޮޅު ޑީއާރްޕީއަށް ވެސް ސަރުކާރުން ދައުވަތު ދީފި އެވެ. މީގެކުރިން ޕީޕީއެމް އަށާއި އެމްޑީއޭ އަށާއި އެމްޑީޕީ އަށާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއަށް ވަނީ މަޝްވަރާތަކަށް ދައުވަތު ދީފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކްރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކާއެކު ކުރާ މަޝްވަރާއަށް ޑީއާރްޕީއަށް ވެސް ދައުވަތު މިހާރު އެރުވިފައިވާ ކަމަށެވެ. މަޝްވަރާތަކާ ގުޅޭގޮތުން ޑީއާރްޕީއިން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސް ނެންގެވުމަކަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އެ ޕާޓީތަކަށް ރައީސް ފޮނުއްވި ދައުވަތުގައި ޕާޓީތަކުގެ ކިބައިން އެދިފައި ވަނީ މަޝްވަރާތަކަށް ހުށަހަޅާ މައްސަލަތަކާއި ޕާޓީތަކުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުންގެ ނަންތަކެއް ރައީސް އޮފީހަށް ފޮނުއްވުމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސްގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ.

ރައީސް މަޝްވަރާތަކާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ މަޝްވަރާ ކުރަން ވާނީ ހައްޔަރުގައި ތިބި ބަޔަކު ދޫކޮށްލުމަށް ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ހަމަޖެހޭ ރާއްޖެ އެއް ބިނާކޮށް ގުޅިގެން ތަރައްގީ ގެނައުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގެ ތެރެއިން އެންމެން ގުޅިގެން ރާއްޖެ ބޭރުގައި އިޝްތިހާރުކޮށްގެން، ރާއްޖެ އަކީ ހުރިހާ މެހެމާނުންނަށް ކަމޭހިތާ މަންޒިލެއް ގޮތުގައި ޕްރޮމޯޓުކުރަން ވާހަކަތައް ބޭއްވުމަށް ރައީސް ގޮވާލެއްވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ބޮޑުކޮށްގެން ދައްކައި ރާއްޖެ ފަލީހަތް ކުރުމަށް ކުރާ މަޝްވަރާތަކަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މަޝްވަރާތަކާ ގުޅޭގޮތުން މިހާތަނަށް އެއްޗެއް ބުނެފައިވަނީ އިދިކޮޅު މައި ދެ ޕާޓީންނެވެ. އެމްޑީޕީ އަދި އަދާލަތު ޕާޓީން އިއްޔެ ބުނެފައިވަނީ އެއްވެސް ސިޔާސީ ލީޑަރެއް ޖަލުގައި ހުއްޓާ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ. މަޝްވަރާތަކަށް ސަރުކާރުގެ އިހުލާސްތެރިކަން އޮތްކަން ސާބިތުކޮށްދިނުމަށް ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އެ ދެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

މިހާރު އޮތް އިދިކޮޅު ދެ ޕާޓީގެ ލީޑަރުން ވެސް ތިއްބެވީ ޖަލު ހުކުމެއްގަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކަމުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވެ މިދިޔަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އިމްރާންގެ މައްޗަށް ދައުވާކުރީ މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކައިގެ ސަބަބުންނެވެ.