ޓޫރިޒަމް

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކޮށްފި

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ގަވާއިދުގައިވާ ގޮތުން ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށްފަހު އެވެ. އަދި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމާއި ހުއްދަ ހޯދުމަށް ދައްކަންޖެހޭ ފީ ދެއްކުމަކީ އެޖެންޓުގެ ޒިންމާއެއް ކަމަށް ގަވާއިދުގައިވެ އެވެ.

އެގޮތުން ކޮންމެ އުޅަނދެއްވެސް ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން އެ އުޅަނދަކުން ސަރުކާރައް ދައްކަންޖެހޭ ފައިސާ އާއި ޓެކްސް މީރާއަށް ދެއްކުމަކީ އެޖެންޓްގެ ޒިންމާއެކެވެ،

ގަވާއިދުގެ ދަށުން ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވޭނީ އަދި ބަނދަރުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު އެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދު، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިންވާޑް ކްލިއަރަންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށްވުރެ ދިގު މުއްދަތަށް ރާއްޖޭގައި ހޭދަކުރާނަމަ އަދި އެ އުޅަނދަކީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ ކްރޫސިން ޕާމިޓް ހޯދުމަށް 1،000 އެމެރިކާ ޑޮލަރުގެ ފީއެއް އޭޖެންޓް މީރާއަށް ދައްކަންޖެހެ އެވެ.

ޗާޓަރު ލައިސަންސް ހޯދުމަށް މިހާރު ދައްކަންޖެހޭ ފީ

  • ދިގުމިން 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު - ދުވާލަކަށް 100 ޑޮލަރު
  • ދިގުމިން 21 މީޓަރާއި 35 މީޓަރާ ދެމެދުގެ އުޅަނދުފަހަރު - ދުވާލަކަށް 250 ޑޮލަރު
  • ދިގުމިން 36 މީޓަރާއި 45 މީޓަރާ ދެމެދުގެ އުޅަނދުފަހަރު - ދުވާލަކަށް 400 ޑޮލަރު
  • ދިގުމިން 46 މީޓަރާއި 75 މީޓަރާ ދެމެދުގެ އުޅަނދުފަހަރު - ދުވާލަކަށް 550 ޑޮލަރު
  • ދިގުމިން 76 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުފަހަރު - ދުވާލަކަށް 700 ޑޮލަރު
  • ދިގުމިން 101 މީޓަރު އަދި 101 މީޓަރަށްވުރެ އިތުރުވާ ކްރޫޒް ޝިޕް އުޅަނދުފަހަރު - ދުވާލަކަށް 850 ޑޮލަރު

މީގެ ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުގެ ދަށުން ދިގުމިނުގައި 25 މީޓަރު ހަނަމުވާ އުޅަނދުފަހަރުން ޗާޓަރު ލައިސަންސް ހޯދުމަށް ދުވާލަކު ދައްކަންޖެހެނީ 15 ޑޮލަރެވެ. ދިގުމިން 25 މީޓަރާއި 25 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ދުވާލަކަށް 200 ޑޮލަރު ދައްކަންޖެހޭއިރު 36 މީޓަރާޢި 45 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ދުވާލަކަށް ދައްކަންޖެހެނީ 350 ޑޮލަރެވެ.

ދިގުމިން 46 މީޓަރާއި 75 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން މީގެ ކުރިން ދުވާލަކަށް ދައްކަންޖެހެނީ 450 ޑޮލަރެެވެ. އަދި 75 މީޓަރަށްވުރެ އިތުރުވާ އުޅަނދުފަހަރުން ދުވާލަކަށް ދައްކަން ޖެހެނީ 600 ޑޮލަރެވެ.