ޑރ. މުހައްމަދު މުއިއްޒު

އިގުތިސޯދު ރަނގަޅުކޮށް، ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރާނަން: މުއިއްޒު

ރާއްޖޭގެ އިގުތިސޯދު ރަނގަޅުކޮށް ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމްގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ސިވިލް ސާވިސް އާއި ޔުނިފޯމް އެޅި ދާއިރާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މުސާރަތަކަށް ބަދަލު ގެންނާނީ އިގުތިސޯދު ރަނގަޅުކުރުމަށްފަހު އެވެ. އެކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ކަންބޮޑުވުމެއް ހަގީގަތުގައިވެސް ނެތް ރާއްޖޭގެ އިގުތިސާދަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ މުހިންމު މަގުސަދެއްގައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މުސާރަ ކުޑަވުމުން މުވައްޒަފުން ވަޒީފާ ދޫކޮށްލާ ކަމަށެވެ.

"އެމީހުންނަށް އެއްވެސްވަރެއްގެ ހިތްހަމަޖެހުމެއް ނޯވޭ ޝައުގުވެރިކަން ނޯވޭ. އެކަށީގެންވާ މުސާރައެއް ނުލިބޭތީ މުސާރަ ކުޑަވީމަ ވަޒީފާ ދޫކޮށްލާ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް ގައުމު ކުރިއަށް ގެންދަން މުހިންމު ބައެއް ކަމަށާއި ޒިންމާދާރު މުވައްޒަފުން ލިބޭނީ ހަމަޖެހޭ މާހައުލެއް ހޯދައިދެވުމުން ކަމަށެވެ.