ޑރ. މުހައްމަދު މުއިއްޒު

ގިނަ މީހުން ރީ-ރަޖިސްޓްރީވާތީ މުއިއްޒު ސުވާލު އުފައްދަވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ދެ ދުވަހުގެ ތެރޭގައި 25،000 މީހުން ފޯމު ހުށަހެޅުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ދެ ދުވަހުގެ ތެރޭގައި 25،493 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެފައިވަނިކޮށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާގުޅޭ ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެކެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ދުވަހު 9،206 މީހުން ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައިވާއިރު ދެވަނަ ދުވަހު 16،287 މީހުން ރީ-ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި އޮންލައިންކޮށް ފުރަތަމަ ދުވަހު ހުށަހެޅި 7،267 ރީ-ރެޖިސްޓްރޭޝަން އަދި ދެވަނަ ދުވަހު އޮންލައިންކޮށް ހުށަހެޅި 11،082 ރީ-ރެޖިސްޓްރޭޝަން ހިމެނެ އެވެ.

މިހާތަނަށް ދެވަނަ ބުރުގައި 10،271 މީހުން ރީ-ރަޖިސްޓްރީކޮށްދީފައިވާއިރު އެކި ސަބަބުތަކާހުރެ މިހާތަނަށް 1،546 ފޯމު ރިޖެކްޓްކޮށްފައިވާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.