ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ފެށުން ލަސްވެއްޖެ އެވެ.

ޖަލްސާ ފަށަން އޮތީ މިއަދު ހެނދުނު 9:00 ގަ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ކުރިއަށް ގެންދެވެނީ ޖަލްސާ ފަށާއިރު 22 މެންބަރު ހާޒިރުވުމުންނެވެ.

ކޯރަމް ހަމަވޭތޯ މަޑުކުރެއްވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ތަޅުމަށް މެންބަރުން ވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ގޯތިތެރޭގައި ބައެއް މެންބަރުން ތިއްބެވި ކަމަށް ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އެބަ ތިއްބެވި ކުޑަދަށުގައި. އަޅުގަނޑު އަނެއްކާވެސް މަސައްކަތްކުރާނަން އެބޭފުޅުންނާ ވާހަކަ ދައްކައިގެން މަޖިލިސް ފެށޭނެ ގޮތެއް އޮތްތޯ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ 10:00 ގައި އަލުން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިއަދު ހެނދުނު 10:00 ގައިވެސް ކޯރަމް ހަމަނުވުމުން ނަޝީދު ވަނީ 11:00 ގައި ޖަލްސާ ފެށުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.