ސަރުކާރުގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތައް އެޖެންޑާ ނުކުރާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ 9:00ގައި ފަށަން ތާވަލުކޮށްފައި ވީނަމަވެސް ޖަލްސާ ފެށުމަށް ކޯރަމް ހަމަނުވާތީ ޖަލްސާ ނުފެށި ވަނީ ލަސްވެފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރުވެ، ހާޒިރީ ފޮތުގައި ސޮއިކުރެއްވި ނަމަވެސް މަޖިލީހުގެ ތަޅުމަށް ބައެއް މެންބަރުން ވަޑައިނުގަންނަވާކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަންނަވަން ދެކޮޅު ހަދައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަމުންދަނީ ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތައް އެޖެންޑާނުކޮށް ސަރުކާރާ ދެކޮޅު މެންބަރުން ހުށަހަޅާފައިވާ ކަންކަން އެޖެންޑާކޮށްފައިވާތީ އެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުށަހަޅާފައިވާ ބިލުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލާއި މަސައްކަތްތެރިންގެ ހައްގުތަކުގެ ބިލު ހިމެނެ އެވެ.