ރައީސް މުހައްމަދު ނަޝީދު

މަޖިލިސް ހުއްޓުވާފައިވަނީ ރައީސް ސޯލިހު، މަޖިލިސް ކުރިއަށް ގެންދާނަން: ނަޝީދު

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކޯރަމް ހަމަނުވެ ޖަލްސާ ނުފެށިފަނިކޮށެވެ.

"(މަޖިލިސް) ހުއްޓުވާފައި ބަހައްޓަމުން މި ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވެވަޑައިގެން. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަން، ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްޗަށް ނަންގަވާ ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ވެރިކަމުގެ ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް އެޖެންޑާކޮށްފަ އެވެ.

އެ ގަރާރު އަވަސްކުރުމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ.