ރައްޔިތުންގެ މަޖިލިސް

ނިޒާމީ ވޯޓުގެ މައްސަލަ ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނީ

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް މި ގަރާރު ހުށަހެޅުއްވުމުން ނަޝީދު ވަނީ މި މަސައްކަތް ނިންމުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަސްތުކުރަނީ މިއަދު މި މަސައްކަތް ނިންމަން. އެއީ ބަހުސް ނިންމާ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެނެވި، އެ ކޮމިޓީންވެސް މަސައްކަތް ނިންމާ އަލުން އަނބުރާ ތަޅުމަށް ގެނެވި ވޯޓަށް އަހާ، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން. ދެން އަޅުގަނޑު ޖަލްސާ ނިންމާލާކަށްވެސް ގަސްތެއް ނުކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ދެ ދުވަހު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ ނިޒާމީ ވޯޓުގެ މައްސަލަ ނިންމުމަށް ގަސްތުކުރައްވާ ކަމަށެވެ.