ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްކޮށްފި އެވެ.
ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 17 މެންބަރުންގެ އިއްތިފާގުންނެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ގަރާރު މަޖިލީހަށް ތައާރަފުކުރީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މި ގަރާރުގެ މަޖިލީހަށް ހުށަހަޅާ ބަހުސް ފަށާފައިވަނި މިއަދު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގަރާރު ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގަސްތުކުރަނީ މިއަދު މި މަސައްކަތް ނިންމަން. އެއީ ބަހުސް ނިންމާ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެނެވި، އެ ކޮމިޓީންވެސް މަސައްކަތް ނިންމާ އަލުން އަނބުރާ ތަޅުމަށް ގެނެވި ވޯޓަށް އަހާ، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން. ދެން އަޅުގަނޑު ޖަލްސާ ނިންމާލާކަށްވެސް ގަސްތެއް ނުކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހަށް މި ގަރާރު ތައާރަފުކުރިިއިރު ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.