އުރީދޫ

185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަންނަ މަހު

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" އަންނަ މަހުގެ 19 އިން 21 އަށް ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށްވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އުރީދޫ ނޭޝަން ގޭމާސް ލޭންޑްގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗްތަކުގެ އިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނެ އެވެ.

ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމަށްކަމަށް އުރީދޫން ބުނެ އެވެ. އެގޮތުން މަޖާ އަދި ވާދަވެރި މަގުބޫލް ގޭމުތަކުގެ މުބާރާތްތަކާއި ތަފާތު އެކި ގޭމު ކުޅުމުގެ ތަޖުރިބާ އާއި ފޭސް ޕެއިންޓިންގް ފަދަ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށްދާނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފިނަލް މެޗުތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގަ އެވެ. މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް ވާދަކުރާނެ އެވެ.

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫން ބުނެ އެވެ. މި މުބާރާތްތަކުގައި ރަޖިސްޓާވުމުގެ ތަފުސީލު އުރީދޫ ނޭޝަން ވެބްސައިޓާއި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ

  • 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
  • 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް

އުރީދޫން ބުނި ގޮތުގައި ގޭމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ބޮޑު ފެސްޓިވަލެކެވެ. އެގޮތުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި، ތްރޯ ދަ ހޫޕް ފަދަ ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ކިޑްސް އެރީނާގައި ޒުވާން ގޭމް ކުޅޭ ކުދިންނަށްވެސް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތައް ކުރިއަށްދާނެ ކަމަށާއި ފޮޓޯ ބޫތުތަކުގައި އުރީދޫ ނޭޝަން ގޭމް ފެސްޓިވަލް ހަނދާނީ ފޮޓޯތައްވެސް ނެގޭނެކަން އުރީދޫން ފާހަގަކުރެ އެވެ.

މި ގޭމިންގް ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ އެންމެންނަށް ވަނީ ދައުވަތު އަރުވާފަ އެވެ. އުރީދޫ ނޭޝަން - ގޭމާސް ލޭންޑް އާއި ބެހޭ އިތުރު މައުލޫމާތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.