އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އާ ބައްދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
ޑޭވިޑް ކެމަރަންއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ގާތް ގުޅުންތަކެއް ބާއްވާ ބޭފުޅެކެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ) ގެ ތިން މެންބަރުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެއްވި އިރު ވިދާޅުވީ އެ ބޭފުޅުން ރައީސް ޔާމީނާ ބައްދަލު ކުރެއްވި އިރު ބޮޑު ވަޒީރު ކެމަރަންއާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށާއި އެކަމަށް މަގުފަހިކޮށްދޭނެ ކަމަށް އެ ގްރޫޕުން މަސައްކަތް ކުރާށެވެ.
އެ ގްރޫޕުންގެ މެންބަރުން ވިދާޅުވީ ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މިހާރު ހާލަތާ ގުޅޭ ގޮތުން ގުރޫޕްގެ މެންބަރުންނަށް މައުލޫމާތު ދެއްވި ކަމަށެވެ.
މިއަދު އެ މެންބަރުން ރާއްޖޭގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީނަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. ހާއްސަކޮށް ރައީސް ޔާމީންގެ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ދެ އަހަރުވެފައިވާއިރު، މިހާތަނަށް ޑޭވިޑް ކެމަރަންއާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.