އެމްޑީޕީ

ނިޒާމީ ވޯޓު އަންނަ މަހު 30ގައި ނަގަން އެމްޑީޕީން ތާއީދު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ މަހުގެ 30 ވަނަ ދުވަހު ނަގަން އެމްޑީޕީން އިއުތިރާޒު ނުކުރާ ކަމަށް އެ ޕާޓީގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގަރާރު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓަށް ދެކޮޅު ނުހައްދަވާ ކަމަށެވެ.

"ހިޔާލު ހޯދުމުގެ ވޯޓަށް ހުށަހެޅުމަށް ރައްޔިތުންނާ ހަމައަށް ދިއުމާ ދޭތެރޭގައި އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތް. އަޅުގަނޑުމެން އެއަށް ތާއީދުކުރަން،" ނިޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ޝަރުތަކީ މިމަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓު ނެގުމެވެ.

އަލީ ނިޔާޒު ވިދާޅުވީ މިމަހުގެ 28 ގައި ނިޒާމީ ވޯޓު ނެގުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނަމަވެސް އޮކްޓޫބަރު 30 ގައި އެ ވޯޓު ނެގިދާނެ ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ގަރާރުގައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ. ނަމަވެސް ޑިމޮކްރެޓުން މިހާރު ފިއްތުންތައް ކުރިމަތިކުރަނީ މިމަހު 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ.

މިގަރާރު މަޖިލީހަށް ބަލައިގަނެ ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައިވާތީ ކޮމިޓީން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ.