ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށް ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް ފާސްކުރީ ވޯޓު ދެއްވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އިލްޔާސް އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.
އިލްޔާސް ގަރާރު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާ އަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތައް ކަނޑައަޅާފައިވާ މާއްދާ އެވެ.
ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކޮށްފައިވާއިރު އެ ވޯޓު އަންނަ މަހުގެ 30 ވަނަ ދުވަހު ނަގަން އެމްޑީޕީން އިއުތިރާޒު ނުކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.