ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
މި ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭ 9:00 އިން ފެށިގެން މާދަމާ ރޭ 9:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި VR space IDNO ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މައުލޫމާތު ބެލޭނެ އެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ން ކަމަށާއި އެ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުންވެސް ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު -- ދަރުބާރުގެއިން ނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިއަދު ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށެވެ. އަދި މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 3:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ އެވެ.
ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުންނެވެ،