އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ ދެވަނަ ބުރުގައި އިތުރު 12 ވޯޓުފޮށި ބަހައްޓަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިތުރު 12 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަނަށްފަހު 12 ވޯޓުފޮށި އިތުރުވެފައިވާ ކަމަށެވެ.

"ފުރަތަމަ ބުރުގައި އަޅުގަނޑުމެން ބެހެއްޓީ ޖުމްލަ 574 ވޯޓު ފޮށި. މިހާރުގެ ޖުމްލައަކީ 586،" ހަބީބު ވިދާޅުވި އެވެ.

ވޯޓުފޮށި އިތުރުވި ތަންތަން

  • މާލެ - 4 ވޯޓު ފޮށި
  • ހުޅުމާލެ ފޭސް 1 - 2 ވޯޓު ފޮށި
  • ހުޅުމާލެ ފޭސް 2 - 4 ވޯޓު ފޮށި
  • ވިލިމާލެ - 1 ވޯޓު ފޮށި
  • ޓްރިވެންޑްރަމް - 1 ވޯޓު ފޮށި

ހަބީބު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގަައި ވޯޓުލީ 43 މަރުކަޒެއް އެ މަރުކަޒު ހުރިތަން ނޫން އެހެން ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މި ބަދަލު ގެނައީ ކުރީ ބުރުގެ ތަޖުރިބާ އާއި މީހުންގެ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓުލާ ބައެއް މަރުކަޒުތައް ހުރި ގޮތުން ވޯޓުލާ މީހުންނަށް ދަތިވުމާއި ވޯޓު ބޫތު ކައިރީގައި ހުރުމުން ފާހަގަ ޖަހާތަން ފެނުމުގެ ފުރުސަތު އޮތުމުން،" ހަބީބު ވިދާޅުވި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އޮފިޝަލުންގެ އަދަދަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ދެ ސެޓަޕަށް 99 މަރުކަޒެއް ގާއިމުކުރާއިރު އިތުރު އޮފިޝަލުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރިޒާވް ޕޫލް ވަރަށް ބޮޑު. 350 އިތުރު އޮފިޝަލުން އަޅުގަނޑުމެން އައްޔަންކޮށްފިން މި ދެންނެވި ދެ ސެޓަޕްގެ މަރުކަޒުތަކަށް،" ހަބީބު ވިދާޅުވި އެވެ.

އެ އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތް މާދަމާ ރޭ އަށް ނިންމާލެވޭނެ ކަމަށާއި ރިޒާވް ޕޫލް މަދުވެފައިވާތީ އިތުރު އޮފިޝަލުން ހޯދުމަށް އިއުލާނު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.