ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ކުރިއަކަށް ނުދިޔަ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވުމުން ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ދެ މެންބަރުން މަދުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޯރަމް ހަމަނުވެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ރައީސް ނަޝީދު ވިދާޅުވީ މާދަމާގެ ޖަލްސާ ކުރިއަށް ގެންދާނީ އެމްޑީޕީއާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަސައްކަތްކުރަން އަޅުގަނޑު ގަސްތުކުރަނީ އެމްޑީޕީއާ މަޝްވަރާކުރުމަށްފަހުގަ. އެބޭފުޅުންނަށް ވަޑައިގެންނެވެން އޮތްކަމުގައި ވަނީނަމަ އަދި ވަޑައިގަންނަވަން ގަސްތުކުރައްވާނަމަ ޖަލްސާ ބޭއްވުމަށް އަޅުގަނޑުވެސް ގަސްތުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ހަފުތާކަމުން ޕާޓީތަކުން ކެމްޕޭން ކުރައްވާނެ ކަމަށެވެ.

"އެ މަސައްކަތުގައި އުޅުމަކީ މި މަޖިލީޙުގެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ކޮންބޮޑުވަނީ ކުޑަ ދޮށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީ" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރާއްޖޭގައި މިހާރު އޮތް ވެރކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އާއި ވޯޓޫން ނިންމާ ކަންކަމަށް ވޯޓަށް އެހުމެވެ.