ބަރުލަމާނީ ނިޒާމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ވެރިކަމުގެ ނިޒާމާ ގުޅޭ ކަރުދާހުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ވެރިކަމުގެ ނިޒާމާ ގުޅޭ ކަރުދާހުގައިވާ ގޮތުން ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ރައީސް އެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ބޮޑުވަޒީރެވެ.
ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ ވޯޓަކުން ރައީސް އިންތިހާބުކުރާއިރު ބޮޑުވަޒީރު އިންތިހާބުކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމާ ގުޅޭ ކަރުދާހުގައިވާ ގޮތުން ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ އެއް ބާރު އަނެއް ބާރާ ގުޅިފަ އެވެ.
ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބޭއިރު ގާނޫނު ހެދުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ.
ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމާ ގުޅޭ ކަރުދާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރާ ބޮޑުވަޒީރު އެ މަގާމަށް އައްޔަންކުރުމާއި އިސްތިއުފާ ބަލައިގަތުމަކީ ރައީސްގެ މަސްއޫލިއްޔަތެވެ.