އިލެކްޝަންސް ކޮމިޝަން

ވޯޓަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ވޯޓު ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފެށީ މިއަދު އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މިއީ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނު 282،395 މީހުންނަށްވުރެ 409 މީހުން އިތުރުވުމެކެވެ.

އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާއިރު ފުރަތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި -- ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.