ހަބަރު

މާދަމާގެ މުޒާހަރާ ސީގަލް ކަންމަތީ ނުބޭއްވޭނެ: ޕޮލިސް

އެމްޑީޕީގެ މުޒާހަރާ ސީގަލް ކަންމަތީ ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފި އެވެ. އެމްޑީޕީއިން އިންތިޒާމްކުރާ ގިނަ މުޒާހަރާތައް ބާއްވަމުން އަންނަނީ ސީގަލް ކަންމަތީގަ އެވެ.

ފުލުހުން މިހެން ބުނީ އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން މާދަމާ ހަވީރު 3:00 ން 6:00 ށް ފަރީދީ މަގު ގުޅުނު ކަންމަތީ [ސީގަލް ކަންމަތީ]ގައި މުޒާހަރާއެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ ދެ ޕާޓީ އިން އިއުލާން ކުރުމާ ގުޅިގެނެވެ.

ފުލުހުން ބުނީ އެސަރަހައްދަކީ ހަފުތާ ބަނދަށް ގިނަ އަދަދެއްގެ އާމުންނާއި ކުޑަކުދިން އަދި ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދަކަށްވުމުން އެއް ބަޔެއްގެ ހައްގުތައް ގެއްލި އުންދަގޫތަކެއް ކުރި މަތި ވެދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތައް ގިނަ ވަގުތުތަކަކަށް ބަންދު ކުރަން ޖެހުމުން ވިޔަފާރިކުރާ ފަރާތްތަކަށާއި އެހެނިހެން ބޭނުންތަކަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެތީ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ވަނީ އަންގާފަ އެވެ.

އެމްޑީޕީއަށް ސީގަލް ކަންމަތީ މުޒާހަރާ ނުކުރެވޭނެ ކަމަށް ލިޔުމުންނާއި ޓެކްސްޓް މެސެޖުން އަންގާފައިވާ ކަމަށް ފުލުހުން ބުންނެވެ. އެމްޑީޕީ އަދި އަދާލަތު ޕާޓީން މާދަމާ މުޒާހަރާއަށް ނިކުންނަނީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ އެވެ.