ހަބަރު

ޕީޕީއެމުން ކެމްޕެއިން ކުރަނީ ފުލުހުންނާއި ސިފައިން ބޭނުން ކޮށްގެން: އިދިކޮޅު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމުން ހިންގާ ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރުގެ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ ތަކެއްޗާއި މުއައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ޖާގަނުދީ ސަރުކާރުގެ ނުފޫޒާއި ބާރުން އިލެކްްޝަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ހެއްކަކީ އިންތިހާބަށް 54 ދުވަހަށްވެފައިވާއިރު އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމަށް އެއްވެސް ޖާގައެއް ދީފައިނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ހަމައެކަނި އަބުދުﷲ ޔާމީނަށް ކެމްޕެއިން ކުރެވޭނެ ގޮތަކަށް ދިވެހި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން އަދި ދައުލަތުގެ މުއައްސަސާތައް ބޭނުން ކޮށްގެން ކުރިޔަ ނުދޭނަން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ކެމްޕެއިނަށް ހުރަސް އަޅަމުން ގެންދާތީވެ، ޕާޓީތަކާއި ޕާޓީތަކުގެ ލީޑާޝިޕާއެކު މާދަމާ މުއައްސަސާތަކަށް މައްސަލަ ހުށަހަޅަންދާނެ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީންގެ ނުފޫޒާއި ބާރުން ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީހުންވެސް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން ހުއްޓާނުލާހާ ހިނދަކު މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ، ކެމްޕެއިން ދަތުރުތަކަށް ޕީޕީއެމުން ސްޓެލްކޯގެ ދެ ލޯންޗު ވެސް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ޕީޕީއެމުން މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދިދަފަތިތައް ދަމަމުން ގެންދާ ކަމަށާއި އެކަން ކުރަމުން ގެންދަނީ ފުލުހުން ބޭނުން ކޮށްގެން ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.

"ހުޅުމާލޭގައި ދިދަ ދަމާފައި ހުރީ ސިފައިންނާއި ފުލުހުން ބޭނުން ކުރައްވައިގެން އަދި އެޗްޑީސީގެ ތަކެތި ބޭނުން ކުރައްވައިގެން. އަދި ހަމައެއާއެކު އަޅުގަނޑުމެންނަށް އެތަންތަނުން ޖާގަ ނުލިބޭހިދުގަ، ޕޭވްމަންޓް މަތީގައި ހޮޅި ޖަހައިގެން، ހޮޅިޖަހައިގެން ހީވަނީ އަބްދުﷲ ޔާމީންގެ ތަރިކަ މުދާހެން." ސަމީރު ވިދާޅުވި އެވެ.

ޕީޕީއެމުން ދިދަފަތި ތައް މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާއިރު، ފުލުހުން ވަނީ ސީސީޓީވީ ކެމެރާގެ މަންޒަރު ގެއްލޭ ގޮތަށް ދިދަފައްޗާއި ބެނާ ދަމަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފަ އެވެ. ނަމަވެސް ފުލުހުން އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަަވަޅެއް އަޅާފައެއް ނުވެ އެވެ.

ސަމީރު މިގޮތަށް ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޕީޕީއެމްގެ ކެމްޕެއިން ކުރިއަށް ގެންދާނީ ސަރުކާރު ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ވަނީ މީޑިއާއިން މައުލޫމާތު އޮޅޭގޮތަށް ހަބަރު ފަތުރާކަމަށް ވިދާޅުވެ އެގޮތަށް ވިދާޅުވެފައިނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވެފަ އެވ.

ޕްރެސްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، އިލެކްޝަންގެ ހިސާބުތަކުން 24،000 މީހުން ރެޖިސްޓްރީ ކޮށްފައިވާއިރުގަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން 17،000 އަށްވުރެ ގިން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރު ކުންފުނިތަކާއި ޕީޕީއެމުން ނަގާ ފޯމްތައް އިލްކްޝަން ކޮމިޝަނާ ހަމައަށް ނުދާކަން ސާބިތުވާ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

"މިއޮތީ ހިސާބުފެންނަން، ހިފަހައްޓަނީ، އެންމެ ފަހު ގަޑިއާ ހިސާބަށް ހިފަހައްޓާފަ މީހުން ވޯޓްލާން ރަޖިސްތްރީވިޔަ ނުދޭން މަސައްކަތް މިކުރަނީ، މިއޮތީ ޕްރޫފް އަޅުގަނޑުމެންނަށް ފެންނަން،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ، އިލްތިމާސް އަކީ ކުންފުނިތައް މެދުވެރިކޮށް މިހާރު ރެޖިސްޓާވެފަ ތިބި ފަރާތްތަކުން ޗެކް ކުރެއްވުމަށާއި މިއަދާ ހަމައަށް ރެޖިސްޓަރީނުވާނަމަ އަލުން ރެޖިސްޓާކުރެއްވުމަށެވެ.