ރިޔާސީ އިންތިހާބު 2023

ދެ ގަޑިއިރުގެ ތެރޭގައި 65،600 މީހުން ވޯޓުލައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ހެނދުނު 10:00އާ ހަމައަށް 65،600 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 23.20 ޕަސަންޓް މީހުން ވަނީ މިއަދު ހެނދުނު 10:00އާ ހަމައަށް ވޯޓުލާފަ އެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 38،309 ފިރިހެނުންނާއި 27،291 އަންނެހުންނެވެ.

މި އިންތިހާބުގައި ޖުމްލަ 586 ވޯޓުފޮށި ބަހައްޓާފައިވާއިރު އެއް ފޮށީގައި ވޯޓުލުން އަދި ނުފެށޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00އާ ހަމައަށެވެ.