ހަބަރު

އޮމްނިއާއަށް ފައިސާ ދެއްކީ އެމްޑީޕީގެ އެކްޓިވިސްޓުން ހިއްސާވާ ކުންފުންޏަކުން

Feb 20, 2016
5

ސަރުކާރުން ކުއްޔަށް ނެގި އިނގިރޭސި ލޯ ފާމް، އޮމްނިއާ ސްޓްރެޓަޖީ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދެވި ކޮންސަލްޓެންސީގެ ހިދުމަތްތަކަށް އެ ފާމްއަށް ފައިސާ ދެއްކި، އެމްސީ މޯލްޑިވްސް އަކީ އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް ހިއްސާވާ ކުންފުންޏެއްކަން ހާމަވެއްޖެ އެވެ.

އިނގިރޭސި ޓެބްލޮއިޑް ނޫސް، ޑެއިލީ މެއިލް އިން ހާމަކުރި ލިޔުންތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު އެމްއެމްޕީއާރްސީއަށް އޮމްނިއާ ސްޓްރެޓަޖީ އިން ފޮނުވި 210،000 ޕައުންޑްގެ ބިލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައާ ގުޅޭ ގޮތުން ވަކި ކޮންޓްރެކްޓެއްގެ ދަށުން ނައިބު ރައީސްގެ އޮފީހަށް އެކި ގޮތްގޮތުން ދިން ލަފާތަކަށް ނަގާ ފީ އެވެ.

ޑެއިލީ މެއިލް އިން އާންމު ކުރި، ލިޔުންތަކުން އެނގޭ ގޮތުގައި ނައިބު ރައީސްއަށް އޮމްނިއާ އިން ދިން ހިދުމަތްތަކަށް، އެމްއެމްޕީއާރުސީއަށް ފޮނުވި ބިލަށް ފައިސާ ދެއްކީ، ބޭންކް އޮފް ސިލޯންގައި އޮންނަ އެމްސީ މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުންނެވެ.

އެ ކުންފުންޏާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައި ވަނީ އެ ފައިސާ ދެއްކި ކުންފުންޏަކީ އެއްވެސް ވަރަކަށް ސިޔާސީ ބަޔަކާ ގުޅުން އޮންނަ ބައެއް ނޫން ކަމަށާއި އެކަން ކުރީ، އެ މީހުންގެ ރަށްޓެއްސެއް ކަމަށްވާ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް، މޮހޯ ގެ އެދުމުގެ މަތިން ކަމަށެވެ.

އެހެން ނަމަވެސް އަވަސް އަށް ލިބިފައި ހުރި އިކޮނޮމިކް މިނިސްޓްރީގެ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ، ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓްގެ ބާވަތްތައް އެތެރެ ކުރާ، ރޫޓް އަބްދުﷲ ރާފިއު (ރޫޓް ރާއްޕެ) އާއި އޭނާގެ އާއިލާގެ މީހެއް ކަމަށްވާ، މުހައްމަދު ފަސީން ރާފިއު އެވެ. ރޫޓް ރާއްޕެ އަކީ އަދީބުގެ ދޮށީ އަނބިކަބަލުންގެ ބޮޑު ބޭބެއެކެވެ. އަދި އެމްޑީޕީގެ މުޒާހަރާތަކާއި ޖަލްސާތައް އަދި އެހެން ވެސް ހަރަކާތްތަކުގެ އިސް ސަފުން ރާއްޕެ ފެނެ އެވެ. އަދި އެމްސީއެމްގެ ހިއްސާ ރާއްޕެގެ ނަމަށް ބަދަލު ކުރުމުގެ ކުރިން އެ ކުންފުނީގެ އެއް ހިއްސާދާރަކީ، ނަޝީދުގެ ދުވަސްވަރު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ކުރެއްވި، އަހުމަދު މައުސޫމް އެވެ. ދެން ހިއްސާދާރަކީ މުހައްމަދު ހަމީދު ކިޔާ މީހެކެވެ.

ރާއްޕެއާ ގުޅުމަށް އަވަސް އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ރާއްޕެ ޑެއިލީ މެއިލްގައި ބުނަނީ ސިޔާސީ ކަންކަމުގައި ބައިވެރި ނުވާ ކަމަށެވެ. އަދި އެ ފައިސާ އަކީ ސިޔާސީ ކަމަކަށް ފޮނުވި ފައިސާކަން އެނގުމުން މޮހޯއާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށެވެ. ރާއްޕެ ސިޔާސީ ކަންކަމުގައި ނޫޅުއްވާ ކަމަށް ބުނި ނަމަވެސް ރާއްޕެ އަކީ އެމްޑީޕީ ހަރަކާތްތަކުގެ ކުރީގައި އުޅުއްވާ ބޭފުޅެކެވެ. ހާއްސަކޮށް ނަޝީދާ ގާތުން ފެނިފައިވެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން، އޮމްނިއާއިން ބުނަނީ ނޮވެމްބަރު ޑިސެމްބަރުގައި ރާއްޖޭގައި ހިނގި ކަންތައްތަކާ ގުޅިގެން އެމްއެމްޕީއާރުސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ޑިސެމްބަރު މަހުގެ ތެރޭގައި ބާތިލް ކުރި ކަމަށެވެ. އަދި އެ ކޮންޓްރެކްޓްގެ ދަށުން ދައްކަން ޖެހޭ ފައިސާއެއް އެމްއެމްޕީއާރުސީގެ ބަދަލުގައި އަމިއްލަކުންފުންޏަކުން ދީފައިވާ ނަމަ، އެ މައްސަލަ ސީރިއަަސްކޮށް ބަލައި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ފާމުން ބުންޏެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އޮމްނިއާ އަށް އެމްސީއެމް އިން ފައިސާ ފޮނުވި އިންވޮއިސްއަކީ އަދީބު ނައިބު ރައީސްގެ ހައިސިއްޔަތުން ވަކި ކޮންޓްރެކްޓެއްގެ ދަށުން ހޯއްދެވި ހިދުމަތްތަކަކަށް އެ ކުންފުނިން ކޮށްފައިވާ ބިލެކެވެ. އަދި އެ ކޮންޓްރެކްޓް ހެދީ ވެސް އެމްއެމްޕީއާރުސީއާ އެކު އެވެ. ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ އޮމްނިއާ އެކު ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރީ، މިދިޔަ އަހަރުގެ ޖޫން ތިނަކުން ޑިސެމްބަރު 19 ވަނަ ދުވަހަށް ކަމަށެވެ. އަދި އެ ފައިސާ ދެއްކީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުގެ ރަސްމީ އެކައުންޓުން އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފޮރިން މިނިސްޓްރީއާ އެކު އޮމްނިއާ އިން ހަދާފައި އޮތީ ވަކި ކޮންޓްރެކްޓެކެވެ. އަދި އޭރުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަދީބަށް އެކި ކަންކަމުގައި ލަފާ ދިނުމަށް އޮމްނިއާ އިން އެމްއެމްޕީއާރުސީއާ އެކު ހެދީ އަދި ވަކި ކޮންޓްރެކްޓެވެ. ފޮރިން މިނިސްޓްރީ އިން ރަސްމީ އެކައުންޓުން ފައިސާ ދެއްކި ކަމަށް ބުނެފައި ވަނީ އެ މިނިސްޓްރީއާ އެކު އޮތް އެއްބަސްވުމަކަށް ދައްކަން ޖެހޭ ފީއެކެވެ.