ކޮންމެ ދިވެހި ރައްޔިތަކީވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ މީހެއް ކަމަށާއި އެއްވެސް ކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު މިރޭ ވިދާޅުވީ ކޮންމެ ޕާޓީއެއްގެ މީހެއް ނަމަވެސް އެއީ ދިވެހިން ކަމަށާއި އެއްވަރަކަށް ހައްގުތައް ލިބިގެންވާ ކަމަށެވެ.
"ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެންވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައިވެސް ހަމަހަމަކަން ލިބިގެންވޭ،" މުއިއްޒު ވިދާޅުވި އެވެ.
ހަމަނުޖެހުން އުފައްދާ، މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރާނެ ބަޔަކު އުޅޭނެކަން ފާހަގަކުރައްވާ މުއިއްޒު ވަނީ ގައުމުގެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގެންފަ އެވެ.
މުއިއްޒު ވިދާޅުވީ ގައުމާއި ސަރުކާރުގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
"ދިވެހިންގެ ރާއްޖެ އަޅުގަނޑުމެން އަނބުރާ ހޯދަން ބޭނުންވާކަން ދިވެހި ރައްޔިތުން މި ވަނީ ނިންމަވާފަ،" މުއިއްޒު ވިދާޅުވި އެވެ.
އެ ޒިންމާ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ގެންގޮސް ދިވެހިންގެ ރާއްޖެ ދިވެހިންނަށް ކަށަވަރުކޮށްދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސް ނޮވްމެބަރު 17 އާ ހަމައަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ތައްޔާރުވާނެ ކަމަށެވެ.
ރަސްމީ މަސައްކަތް ނޮވެމްބަރު 17ގައި ފަށާނީ ބާރު ސްޕީޑުގައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
"އެ ދުވަހު ފެށޭ މަސައްކަތް ފެށޭނީ ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ހުރިހާ ކަމެއް ބައްޓަންކުރުމުގައި ރެއާއި ދުވާލު މަސައްކަތްކުރަން ކެރޭ ވަރުގަދަ ޓީމަކާއެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.