ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެ އެވެ.
މުއިއްޒަށް މަރުހަބާ ވިދާޅުވެ އެކްސް -- ޓްވިޓާގައި މޯދީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި އެ ގައުމު ދެމި އޮންނާނެ ކަމަށެވެ.
މީގެ އިތުރުން މޯދީ ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމުގައިވެސް އެ ގައުމު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އިންޑިއާއެކު ގާތް ގުޅުންތަކެއް އުފެއްދެވުމުން މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅުން ދިޔައީ އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރަމުންދާ ބުނަމުންނެވެ.
އެ ތުހުމަތުތަކުގެ ސަބަބުން އިދިކޮޅާއި އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.