އެމްޓީސީސީ

އަވަސް އަރުވާލައިގެން އިންޓްރެސްޓް ބޮޑުކޮށް ބޮންޑެއް ވިއްކާ ވާހަކަ އެމްޓީސީސީން ދޮގުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ -- އެމްޓީސީސީން އަވަސް އަރުވާލައިގެން އިންޓަރެސްޓް ބޮޑުކޮށް 300 މިލިއަނުގެ ބޮންޑެއް ވިއްކަން އުޅޭ ކަމަށް ބުނެ ނޫހަކުން ޝާއިއުކުރީ ދޮގު ޚަބަރެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަވަސް އަރުވާލައިގެން އެމްޓީސީސީން އިންޓަރެސްޓް ބޮޑުކޮށް ބޮންޑެއް ވިއްކަން އުޅޭ ކަމަށް ބުނެ ނޫހަކުން ޝާއިއުކުރި ޚަބަރު ދޮގުކޮށް އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޚަބަރަކީ އެ ކުންފުންޏާއި ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއް ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ބޮންޑު މެދުވެރިކޮށް ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ރެއިސްކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމީ މިއަހަރުގެ މާޗް މަހު އެވެ.

"ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ރެގިއުލޭޓްކުރައްވާ ފައިނޭންޝަލް އިންސްޓުރުމަންޓެއްކަމުން، މިކަމުގެ އިދާރީކަންކަން ވޭތުވެދިޔަ ހަތް މަސްތެރޭ ފުރިހަމަކުރުމަށްފަހު މިހާރު މޯލްޑިވްސް ސްޓޯކް އެކްސްޗޭންޖުގެ ވިޔަނި ޕޯޓަލްގައި ރެޖިސްޓާ ކުރައްވައިގެން މި ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ ފަރާތަކަށްވެސް އާންމުކޮށް ފެންނަން ހުންނާނެ ކަމުގައި ދަންނަވަމެވެ،" އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ބޮންޑަކީ އެ ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެކެވެ.

މި ބޮންޑުގެ 9.5 ޕަސަންޓް ގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރާއްޖޭގެ ކޮމާޝަލް އެވަރެޖް ބްރޯވިން ރޭޓާ އަޅާބަލާއިރު ބޮޑުތަނުން ކޫޑަ ރޭޓެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.