ހަބަރު

ޖުމާ އާއި އައްޒަގެ ލަވައިން ލޯބިވެރިންގެ އާ ދުވަހަކަށް އިރުއަރައިފި

މިއީ މި ދުވަސްކޮޅު އެންމެ ބާރަށް ދެކުނު ވާހަކަ އެވެ. ޒުވާން ދެ ތަރިން ކަމަށްވާ އިސްމާއިލް ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަގެ އެނބުރި އައުމުގެ ވާހަކަ އެކެވެ. އެނބުރި އައުމަށް ކުޅޭ ލަވައިގެ އަގު ބޮޑު ވާހަކަ އެވެ. ލަވަ ރިލީޒްކުރަން އޮތް 14 ފެބްރުއަރީއަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. ނަމަވެސް އެ ދުވަހު އެ ލަވަ ބެލޭނެ ގޮތެއް ނުވި އެވެ. ދުވަސްކޮޅު އިތުރަށް މަޑުކުރަން ޖެހުނީ އެވެ. މިއަދު "ހީލީމާ" އެވަނީ ރިލީޒްކޮށްފަ އެވެ. ކުޑަ ދުވަސްކޮޅު އިންތިޒާރުކޮށްލަން ޖެހުނަސް މައްސަލައެއް ނެތެވެ. ލަވަ އެހާވެސް ހިތްގައިމެވެ. މިއީ ހިތްގައިމު ލަވައެކެވެ.

ތޭރަ އަދި އަޝްފާގެ އަޑު

ލަވައަކީ އަޑުއަހާލަން ފަސޭހަ ލަވައެކެވެ. ގިނަ ގިނައިން ޖެހިޔަސް މި ލަވަ ފޫހިނުވާނެ ކަމުގެ ގެރެންޓީ ދެމެވެ. އަމިއްލަ ރާގުގެ މި ރީތި ލަވަ ކިޔާދީފައިވަނީ، ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލް ގަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. މިއީ ތޭރަ އަދި އަޝްފާގެ ވެސް އެނބުރި އައުމެކެވެ. މި ދެމަފިރިން އެއްކޮށް ކިޔާފައިވާ ލަވައެއް އަޑު އިވިގިން މިދިޔައީ ދުވަސް ކޮޅަކަށްފަހު އެވެ. ލަވަ އަޑުއަހާލަން ހިތްގައިމުގެ ހުރިހާ ކްރެޑިޓެއް ދަނީ ތޭރަ އަދި އަޝްފާއަށެވެ.

މަންޒަރުތައް އެވަރެއް ނެތް

ރާއްޖޭގައި ނަގާ ލަވަތަކުން ރީތި މަންޒަރުތައް ފެނެ އެވެ. ފަހަރެއްގައި ރާއްޖޭގައި ހަޑި މަންޒަރެއް ނެތީމަ ކަމަށް ވެސް ވެދާނެ އެވެ. "ހީލީމާ" މިވަނީ މިކަމުގައި ވެސް ކުރި ހޯދާފަ އެވެ. ލަވައިން ފެންނަ މަންޒަރުތައް ފެނިފައި ހަމަ ބުނެވޭނީ "އާޗާ" އެވެ. އެހާ ވެސް ފުރިހަމަ އެވެ. ކެމެރާކޮށްފައިވާލެއް ފުރިހަމަކުރުން މަންޒަރުތަކުގެ ރީތިކަން އިތުރުކޮށްދެ އެވެ. ޑްރޯން މަންޒަރުތައް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ. މި ލަވައިން ފެންނަ ޅ. އަތޮޅު ފެލިވަރު ކައިރިއަށް އަޑިއަށް ގޮސްފައިވާ "މަދަ ބޯޓް" ކައިރީގައި ނަގާފައިވާ ޑްރޯން މަންޒަރުތަކުގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތެވެ. އެއީ ތަފާތު ރީތި މަންޒަރުތަކެކެވެ.

ލަވައިގެ ޑައިރެކްޓަރު އިބްރާހިމް އަޒުހާންއަށް ތައުރީފު ހައްގެވެ. ލަވައިގެ ކެމެރާ މަސައްކަތްކޮށް ދީފައި ވަނީ ސްޓްރީކް ސްޓޫޑިއޯއަށް ވެސް މިކަމުގެ ތައުރީފު ހައްގުވާނެ އެވެ.

ޖުމާ އަދި އައްޒަގެ ހަރަކާތްތައް

ޖުމާ އަދި އައްޒަ އާ ދެ ނަމެއް ނޫނެވެ. އެކުގައި މީގެ ކުރިން ވެސް ފެނިފައި ތިބި ދެ ތަރިންނެވެ. ނަމަވެސް މި ފުރިހަމަކޮށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ތިބި އެންމެ ގުޅޭ ދެ ތަރިން އެކުގައި ބަލާލަން ވަރަށް ފަސޭހަ އެވެ. ވަރަށް ގުޅެ އެވެ. ލޯބީގެ މަންޒަރުތަކަށް މި ދެ ތަރިން ވަރެއް މިހާރު ނެތޭ ބުނުމަކުން ވެސް ގޯހެއް ނުވާނެ އެވެ.

ލަވައަކީ ލޯބީގެ ލަވައެއް ކަމުން ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ފެނިގެންދެ އެވެ. އައްޒަ އާއި ޖުމާގެ ހަރަކާތްތަކުން ހިތަށް ފިނިކަން ގެނެސްދެ އެވެ. އައްޒަގެ ހީލުމުން ލަަވަ އިތުރަށް ވަނީ ފުރިހަމަ އެވެ.

ލޯބީގެ މި ރީތި ލަވަ އިތުރަށް ފުރިހަމަވެގެން ދިޔައީ ލަވައިން ފެނިގެންދިޔަ ކޮސްޓިއުމްތަކުންނެވެ. ލަވައިގެ ކޮސްޓިއުމްތައް ވަރަށް ފުރިހަމަ އެވެ. މިއީ ޖުމާ އަދި އައްޒައަށް އާ ކަމެއް ނޫނެވެ. އެ ދެ ތަރިންނަކީ އަބަދުވެސް ރީތިކޮށް ހެދުން އަޅާ ދެ ތަރިންނެވެ. މި ލަވައިން އެކަން މިވަނީ އިތުރަށް ދައްކުވައިދީފަ އެވެ.

ރާއްޖޭގައި އުފެއްދި މިއީ ތަފާތު މޮޅު ލަވަ އެކެވެ. ދިވެހިން ބޭނުން ވަނީ ވެސް މި ފެންވަރުގެ ލަވަތަކެވެ. ހަމަ ލަވައެކޭ ކިޔާފައި އެއްޗެއް ނެރެލުމެއް ނޫނެވެ. ތިންލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ނެރުނު ލަވަ އެ އަގަށް ފެތެ އެވެ. ލަވައަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގައި ނަގާފައިވާ "ހީލީމާ"ގެ ޓީމަށް އައްސަރި ބަހާއި ސާބަސް ހައްގެވެ. މިފަދަ އިތުރު ލަވަތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރެ އެވެ.

އެ އުއްމީދު ލަވައިގެ ޑައިރެކްޓަރު އިބްރާހިމް އަޒްހާން ވަނީ ދީފަ އެވެ. ލަވައަށް ލިބެމުންދާ ތައުރީފުތަކުގެ ސަބަބުން އުފަލުން ހުރި އަޒްހާން ބުނީ ލަވައަށް އަދި ލިބެމުން ދަނީ ވަރަށް ޕޮސިޓިވް ކޮމެންޓްތަކެއް ކަމަށެވެ. ލަވައަކީ ކާމިޔާބެއް ކަމަށް ބުނެވިދާނެ ކަމަށް އަޒްހާން ބުންޏެވެ.

އަޒްހާން ބުނަނީ "ހީލީމާ" އަކީ އަދި "ޕާފެކްޓް" މަސައްކަތެއް ނޫން ކަމަށެވެ. އެހެންވީމަ "ޕާފެކްޓް" ވީމަ އަދި ކިހާ ފުރިހަމަ ވާނެ ނޫން ހެއްޔެވެ؟