ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހަބީބީ ކެފޭ ތެރޭގައި އިންނަވަނިކޮށް މިއަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ.
މި މައްސަލައިގައި ގައްބަރޭގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
ގައްބަރޭގެ އިތުރުން މި މައްސަލައިގައި ދައުލަތުން ދައުވާކުރުމަށް ފޮނުވާފައިވަނީ ތ. ކިނބިދޫ، ދީފުރަމްގެ، އަހުމަދު އަވްޝަމް އާއި މ. ތާޖް، މުލާއިމް މުހައްމަދުގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ދެވަނަ ފަހަރަށް ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް ޒަރީރު މިދިޔަ މަހު ގޮވާލެއްވި އެވެ.