ޓޫރިޒަމް

މިދިޔަ މަހު ޒިޔާރަތްކުރީ 130،000 ފަތުރުވެރިން

ރާއްޖެއަށް މިދިޔަ ސެޕްޓެމްބަރު މަހު 130،967 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަތުރުވެރިންގެ އަދަދަށްވުރެ 16.9 ޕަސަންޓް އިތުރުވުމެކެވެ.

މި އަދަދާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.36 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރު ޒިޔާރަތްކުރީ ޗައިނާއިންނެވެ.

އެގައުމުން މިދިޔަ މަހު 25،065 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިންޑިއާއިން 14،092 ފަތުރުވެރިން އަދި ރަޝިއާއިން 12،375 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޖަރުމަނުން މިދިޔަ މަހު ރާއްޖެއަށް 9،820 ފަތުރުވެރިން އައިސްފައިވާއިރު އިނގިރޭސިވިލާތުން 7،936 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އެމެރިކާ އަދި އިޓަލީން މިއިން ކޮންމެ ގައުމަކުން 4،500 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މީގެ އިތުރުން ސްޕެއިނުން 3،900 ފަތުރުވެރިން، ދެކުނު ކޮރެއާ އިން 3،206 ފަތުރުވެރިން އަދި އޮސްޓްރޭލިއާ އިން 3،198 ފަތުރުވެރިން މިދިޔަ މަހު ރާއްޖެ އައިސްފައިވެ އެވެ.