މަގުމަތީގެ އެކްސިޑެންޓް

ސައިކަލެއް ފޭރިގަނެގެން ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް

ސައިކަލެއް ފޭރިގަނެގެން ދުއްވާފައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓް ހިނގީ ސަލްޓަންޕާކް ހުންނަ ލިލީ މަގުގައި މިރޭ 7:02 ހާއިރު އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށެވެ. އެތަނުން އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރިގެންފައިވާ ސައިކަލެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގީ ލިލީ މަގުގައި ދިވެހި އިންޝުއަރެންސް އޮފީސް ހުންނަ ހިސާބުގައެވެ.

އެކްސިޑެންޓް ވުމާ ގުޅިގެން ފޭރިގެންފައިވާ ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ ކަމަށް މައުލޫމާތު ލިބެ އެެވެ. ނަމަވެސް އެ ސައިކަލްގެ ފަހަތުގައި އިން މީހާގެ ހެއަށް ގޮތްވެ އޭނާ އޮތީ މަގުމައްޗަށް ވެއްޓިފަ އެވެ. އެކްސިޑެންޓްވި އަނެއް ސައިކަލްގައި މީހާއަށް ވެސް އަނިޔާވެފަ އެވެ.

އަނިޔާވި މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެމީހުންނަށް ލިބުނު އަނިޔާތަކުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.