ހަބަރު

އޮއްތޮގެ ޝަރީއަތް: ދައުވާއަށް އިންކާރުކޮށް ގިނަ ސުވާލުތަކެއް

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމަރު ސަލީމް (އޮއްތޮ)އަށް ބޮޑެތި އަނިޔާތަކެއް ލިބި ނުކުޅެދޭ ހާލަތަށް ދިޔަ މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކޮށް ގިނަ ސުވާލުތަކެއް ދައުވާ ލިބޭ އާދަމް އިމްޖާދުގެ ފަރާތުން ކުރިމަތިކުރުވައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން އިމްޖާދުގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. ދައުވާގައި ބުނެފައިވަނީ އިމްޖާދުގެ ލައިސެންސް ހިފަހައްޓާފައިވަނިކޮށް ހުޅުމާލޭ ހައިވަކަރު މަގާއި ގުލްހަޒާރު ހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތިން ބަލަންވާވަރަށް ނުބަލާ ދުއްވާފައި ދަނިކޮށް އަނެއް ސައިކަލްގައި ޖެހި، އެ ދުއްވަން އިން އުމަރުގެ ބޮލަށް އަނިޔާވެ ސިކުނޑިއަށް ގެއްލުންވެފައިވާ ކަމަށެވެ.

މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދެވަނަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އުފުލާފައިވާ ދައުވާއަށް އިމްޖާދުގެ ފަރާތުން ވަނީ ޖަވާބުދާރީވެފަ އެވެ. އެ ދައުވާއަށް އޭނާ ވަނީ އިންކާރު ވެސް ކޮށްފަ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ 2018 ވަނަ އަހަރުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި މި މައްސަލާގައި ވީޑިއޯ އެނާލިސިސް ހަދާފައިވަނީ މިދިޔަ ފެބުރުއަރީ މަހުކަން އެނގެން އޮންނަ ކަމަށް އިމްޖާދުގެ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ކުރިން އިމްޖާދަކީ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ބަޔާނެއް ވެސް ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށެވެ.

ވަކީލުން ވިދާޅުވި ގޮތުގައި މައްސަލާގައި ހެކިތައް ވަޒަންނުކޮށް އެހާ ގިނަ ދުވަހު ބޭއްވުމަށްފަހު ކުއްލިއަކަށް ތަހުގީގު ހިންގާފައިވަނީ ވަކި ފަރާތެއް ކުށްވެރިވާކަން ދައްކައި ވަކި ގޮތަކަށް ތަހުގީގު ބިނާކޮށްގެން ކަމަށެވެ. އަދި މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރިކަން ވެސް ވަކީލް ފާހަގަކުރި އެވެ.

އިމްޖާދުގެ ފަރާތުން ދެން ފާހަގަކޮށްފައިވާ ނުކުތާއަކީ އުމަރަށް އެކަށީގެންވާ ފަރުވާ ފުރަތަމަ ގެންދެވުނު ހުޅުމާލެ ހޮސްޕިޓަލުން ނުލިބި ލަސްވުމުން އެކްސިޑެންޓްގައި އަނިޔާ ލިބުނު އުމަރަށް ބޮޑު ގެއްލުމެއް ލިބުމުގެ އިހްތިމާލު އޮތް ކަމަށެވެ. އޭނާގެ އާއިލާގެ ފަރާތުން ވެސް ހުޅުމާލެ ހޮސްޕިޓަލުން އެންމެ އެކަށީގެންވާ ފަރުވާ ނުލިބޭކަން ތުހުމަތުކޮށްފައިވާކަން ވަކީލުން ފާހަގަކުރެ އެވެ.

މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖާ ގުޅިގެން ވެސް އިމްޖާދުގެ ވަކީލުން ވަނީ ސުވާލު އުފައްދާފަ އެވެ. އެ ވީޑިއޯ އެނާލައިޒްކޮށް ހަދާފައިވާ ރިޕޯޓު ދައްކާ ގޮތުން އިމްޖާދު ސައިކަލް ދުއްވާފައިވަނީ ގަޑިއަކު 46 ކިލޯ މީޓަރުގެ ބާރުމިނުގައިކަން އެނގޭއިރު އުމަރު ދުއްވާފައިވަނީ ގަޑިއަކު 32 ކިލޯ މީޓަރުގަ އެވެ. އެ ދެ ސްޕީޑަކީ ވެސް ހުއްދަ ދީފައިވާ ލިމިޓަށްވުރެ މަތީ ދެ އަދަދެވެ.

ނަމަވެސް އިމްޖާދުގެ ވަކީލުން ފާހަގަކުރާ ގޮތުގައި ސްޕީޑް ބަޔާންކުރުމަށް ފުލުހުން ގެންގުޅޭ ތިއަރީ އާއި ފޯމިއުލާއަށް ބަލާއިރު އިމްޖާދުގެ ސްޕީޑަކީ ގަޑިއަކު 23 ކިލޯ މީޓާގައި ކަމަށެވެ. އެއީ އެކްސިޑެންޓް ހިނގި ވަގުތާ ހަމައަށް ހިނގާ ވަގުތު ކަމަށްވާ ދެ ސިކުންތު ބޭނުންކޮށްގެން ސްޕީޑް ވަޒަންކުރުމުން ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ދިފާއުވުމަށް އިމްޖާދުގެ ފަރާތުން ވަނީ ހެކިތައް ވެސް ހުށަހަޅާފަ އެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުން ލަސްވިކަން ސާބިތުކުރުމަށް ޝަފަވީ ހެއްކަކާއި އުމަރުގެ އަންހެނުން ދީފައިވާ އިންޓަވިއުއެއްގެ ބައެއް ވަނީ ހުށަހަޅާފަ އެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލްގައި މެމޯކޮޅު ނުހެއްދި ފަރުވާ ދިނުން ލަސްވިކަން ސާބިތުކުރުމަށެވެ.

އޭގެ އިތުރަށް ސީސީޓީވީ ޕުޓޭޖް ވެސް ހުށަހެޅި އެވެ. އެއީ އެކްސިޑެންޓްވި ގޮތާއި ސައިކަލް ވެއްޓުނު ގޮތް އަދި ލިބުނު ގެއްލުންތައް ބެލުމަށެވެ. އޭގެ އިތުރުން އެ ވީޑިއޯ ސްލޯކޮށް ވެސް ހުށަހެޅި އެވެ. އެއީ އެކްސިޑެންޓްވުމުގެ ކުރިން އިމްޖާދު އެ މަގުން ދުއްވާފައި އަންނަ ތަން އުމަރަށް ކުރިން ފެނުނުކަން ސާބިތުކުރުމަށެވެ. އެކަމަށް ޝަފަވީ ހެއްކެއް ވެސް ހުށަހެޅި އެވެ. އެއީ އިމްޖާދަށް ދިމާއަށް އުމަރު ބަލާ ހިސާބުން ފެށިގެން އެކްސިޑެންޓްވި ހިސާބާ ހަމައަށް މެނުއަލްކޮށް ފޫޓް އަޅާއިރު 17 ފޫޓް ހުރިކަން ސާބިތުކުރުމަށެވެ.

ދައުލަތުގެ ފަރާތުން 23 އަހަރުގެ އިމްޖާދުގެ މައްޗަށް ކުށް ސާބިތުކުރުމަށް ވެސް ގިނަ ހެކިތަކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން 20 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި އެކްސިޑެންޓްވީ އިމްޖާދު ބާރު ސްޕީޑްގައި ދުއްވުމުންކަން ސާބިތުކުރުމަށް ޝަފަވީ ހެއްކެއް ވެސް ހުށަހަޅާފައިވެ އެވެ. އަދި އުމަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ހޮސްޕިޓަލުން ދިން މައުލޫމާތުތަކުން އެނގޭކަން ސާބިތުކުރުމަށް އޭނާގެ ބައްޕަ ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އަނިޔާތަކުގެ ތަފްސީލް ސާފުކުރުމަށް ޑޮކްޓަރުންގެ ރިޕޯޓާއި ޑޮކްޓަރުން ވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުން ވެސް އެކްސިޑެންޓާ ގުޅިގެން ފުލުހުން ހަދާފައިވާ ގިނަ ރިޕޯޓްތަކެއް އިމްޖާދުގެ އިހުމާލުވާކަން ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުންތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެއީ ދެ ފަރާތަށް ވެސް ލިބޭ ފުރުސަތެކެވެ. އެކަމަށް ހުޅުމާލެ ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ދެން މި މައްސަލާގައި އޮންނަ އަޑުއެހުމަކީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.

މިހާރު ނުކުޅުދޭ ހާލަތުގައި ހުރި އޮއްތޮ ދިރިއުޅުން މި އެކްސިޑެންޓާއެކު އެއްކޮށް ބަދަލުވެގެންދިޔަ އެވެ. އޭނާގެ ދިރިއުޅުން ސުމަކުން ފަށަން ޖެހިފައިވަނީ އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކި، ނުވެސް ހިނގެ އެވެ. މަގުމަތީ ރައްކާތެރިކަމަށް އޮއްތޮ މިހާރު ވަކާލާތު ކުރަމުންދާއިރު، އޭނާ އާއި އާއިލާއިން ދައްކާ ހިތްވަރު ގިނަ ބަޔަކު ބަލައިގަނެވެ.