މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ފަސޭހައިން ހަލާކުވާ މުދަލުގެ އިމްޕޯޓް ދަށަށް ހިނގައްޖެ

ފަސޭހައިން ހަލާކުވާ ބާވަތުގެ މުދާ -- ޕެރިޝަބަލް މުދަލުގެ އިމްޕޯޓް މިއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް -- އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަސޭހައިން ހަލާކުވާ ބާވަތުގެ މުދާ ހުރި 4،384 ކޮންޓެއިނަރުގެ މުދާ މިދިޔަ ސެޕްޓެމްބަރު މަހު ކްލިއާކޮށްފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 2،608 ކޮންޓެއިނަރާއި 40 ފޫޓުގެ 1،776 ކޮންޓެއިނަރެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ފަސޭހައިން ހަލާކުވާ ބާވަތުގެ މުދަލުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ބިހެވެ.

އެގޮތުން 51،790 ބިސް އިމްޕޯޓްކޮށްފައިވާއިރު މިއީ އޮގަސްޓްމަހު ބިސް އިމްޕޯޓްކުރި އަދަދަށްވުރެ 10 ޕަސަންޓް ދަށް އަދަދެކެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް 30،472 ކިލޯގެ ފިޔާ އިމްޕޯޓްކުރި ނަމަވެސް މިއީ އޮގަސްޓް މަހު ފިޔާ އިމްޕޯޓްކުރި އަދަދަށްވުރެ 32 ޕަސަންޓް ދަށް އަދަދެކެވެ.

އަލަނާސީގެ އިމްޕޯޓް 25 ޕަސަންޓް ދަށްވެފައިވާއިރު ދޮންކެޔޮ އަދި ކެބެޖްގެ އިމްޕޯޓް ވަނީ 14 ޕަސަންޓް ދަށްވެފަ އެވެ. މީގެ އިތުރުން ބަރަބޯ އަދި އަލުވީގެ އިމްޕޯޓް ވަނީ 10 ޕަސަންޓް ދަށްވެފަ އެވެ.