މޯލްޑިވިއަން އައިޑޮލްގެ ކުރިއަށް އޮތް ރައުންޑް ކަމަށްވާ ގާލާ ރައުންޑަށް ނުގޮސް، ސާނިހް އަލީ އަދި އަބްދުﷲ ޒިޔާއު ކަޓައިފި އެވެ. މި ދެ ބައިވެރިން ކަޓާފައިވަނީ، ޕިއާނޯ ރައުންޑުގެ ދެވަނަ ބުރުން އެންމެ މަދުން މާކްސް ލިބިގެންނެވެ. ގާލާ ރައުންޑަށް ހޮވިފައިވަނީ ޖުމްލަ 12 ބައިވެރިންނެވެ.
ޕިއާނޯ ރައުންޑްގެ ދެވަނަ ބުރުގައި، ވާދަކުރި އަށް ބައިވެރިން ރޭ ހުށަހަޅައިދިން ލަވަތައް ޖަޖުން މާކްސްދީ، ބެލުންތެރިން ވޯޓު ދީފައިވާއިރު އިއްޔެ ރޭގެ ހުރިހާ ހުށަހެޅުންތަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. މިރޭ ސާނިހް އާއި ޒިޔާއު ކައިޓައިގެން ގޮސްފައިވާއިރު މޯލްޑިވިއަން އައިޑޮލްގެ ޝަރަފުވެރި ގާލާ ރައުންޑަށްދާ 12 ބައިވެރިން ވަނީ ޔަގީންވެފަ އެވެ. ޕިއާނޯ ރައުންޑްގެ ފުރަތަމަ ބުރުން ވެސް ދެ ބައިވެރިޔަކު ވަނީ ކަޓައިގެން ގޮސްފަ އެވެ. އެއީ ޝިފާ އަދި ރިހާނީ އެވެ.
ގާލާ ރައުންޑަށް ދަތުރުކޮށްފައިވާ ލަވަކިޔުންތެރިން
- ލައިޝާ ޖުނައިދު
- މުހައްމަދު އިފްހާމް
- މުހައްމަދު މުއައްޒިމް
- އަބްދުﷲ ފާލިހް
- އިބްރާހިމް އަމާން
- އަހުމަދު ނަޒީހް
- އަބްދުﷲ ސޯދިގު
- ޝަލަބީ އިބްރާހިމް
- ފާތިމަތު ނަބަތު
- މުހައްމަދު އިޝާން
- މުހައްމަދު ޒަލީފް
- ފާތިމަތު އަޒްލީމާ
ގާލާ ރައުންޑަކީ މޯލްޑިވިއަން އައިޑޮލް ރަނގަޅަށް ފެށޭ ރައުންޑެވެ. މިއޮތްހާ ދުވަހު ކުރި މަސައްކަތްތަކުންނާއި ފުރޭނި ފުރޭނުންތަކުން ދެން ފެނިގެންދާނީ ސީދާ މޯލްޑިވިއަން އައިޑޮލްގެ ކޮލިޓީގެ ލަވަކިޔުންތެރިންނެވެ. ވަކި މީހަކަށް ލަވަނުކިޔެއޭ ކިޔާފައި ބާކީކޮށްލަން ޖެހޭ ފެންވަރުގެ ލަވަކިޔުންތެރިޔަކު ދެން މި ޝޯއަކުން ނުފެންނާނެ އެވެ.
ގާލާ ރައުންޑަށް ދަތުރުކޮށްފައިވާ 12 ބައިވެރިންނަކީ ވެސް ހުނަރުވެރި އެއް ބައިވެރިއެއް އަނެއް ބައިވެރިޔަކާ ވަރުގަދައަށް ވާދަކޮށްލެވޭފަދަ ލަވަކިޔުންތެރިންތަކެކެވެ. މި 12 ބައިވެރިންނަށް ސަޕޯޓްކުރާ މީހުން ވެސް ވަނީ ގިނަވެފަ އެވެ. ޓީމްތައް ހަދައިގެން އެންމެ ގަދައަށް ދެކެވެނީ ވެސް މި 12 ލަވަކިޔުންތެރިންގެ ވާހަކަ އެވެ. ދެން ބަލަން ޖެހޭނީ ގާލާ ރައުންޑުން ސަލާމަތްވެވޭނީ ކޮން ބައިވެރިންނަކަށްތޯ އެވެ. ޝޯގެ ފޯރި ކުރިއަށް އޮތްތާ ދަނީ ގަދަވަމުންނެވެ.