އެމްއޭސީއެލް

ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލް އަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް -- އެމްއޭސީއެލް އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް -- ޕީސީބީ އިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ ރިވިއުއަށް ބަލާއިރު މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލް އަށް ލިބުނު އާމްދަނީއަށްވުރެ 491.19 މިލިއަން ރުފިޔާ -- 29 ޕަސަންޓް އިތުރު މިންވަރެކެވެ.

އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ތެލުގެ އަގު އުފުލުމާއި ތެޔޮ ވިއްކި މިންވަރު އިތުރުވުމުގެ އިތުރުން ފްލައިޓް މޫވްމަންޓް އިތުރުވުން ހިމެނެ އެވެ.

މީގެ އިތުރުން ޑިއުޓީ-ފްރީގެ ވިޔަފާރި އިތުރުވުމާއި ފަސިންޖަރުންގެ އަދަދު އިތުރުވުމަކީވެސް އެމްއޭސީއެލްގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމްއޭސީއެލްގެ އާމްދަނީ އިތުރުވެފައިވާއިރު ހިންގުމުގެ ފައިދާވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި އެމްއޭސީއެލް އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 545.4 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ 307.5 މިލިއަން ރުފިޔާ -- 129 ޕަސަންޓް އިތުރުވުމެކެވެ.

ހިންގުމުގެ ފައިދާއާއެކު އެމްއޭސީއެލްގެ ސާފު ފައިދާވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އިތުރުވެފަ އެވެ.

ސާފު ފައިދާގެ ގޮތުގައި އެމްއޭސީއެލް އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 453.1 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ 309.4 މިލިއަން ރުފިޔާ -- 215 ޕަސަންޓް އިތުރުވުމެކެވެ.