ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް މިއަދު ފޮނުވައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ 49 މެންބަރުންގެ ސޮޔާއެކު މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މައްސަލައިގެ ނޯޓިސް ނަޝީދާއި މަޖިލީހުގެ މެންބަރުންނަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

މިގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަޝީދު މަގާމުން ވަކިކުރަން މަސައްކަތް ކުރާތީ ދަ ޑިމޮކްރެޓްސް މެންބަރުން ވަނީ ރުޅިގަދަވެ ހިތްހަމަނުޖެހިފަ އެވެ.